Loading surah...
Back to Dhivehi Quran
29 Ayahs • Medinan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، اللَّه އަށް تسبيح ކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ
އުޑުތަކާއި، ބިމުގެ ވެރިކަން ملك ވެގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
هُوَ ٱلْأَوَّلُ وَٱلْءَاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (حسّ ތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
هُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ
އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ عرش ގެ މައްޗަށް استواء ވެވޮޑިގަތެވެ. ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
އުޑުތަކާއި، ބިމުގެ ވެރިކަން މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، اللَّه ގެ حضرة އަށެވެ.
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
އެކަލާނގެ، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌۭ كَبِيرٌۭ
اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خليفة ވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ.
وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވުމަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާ حال، ތިޔަބައިމީހުން اللَّه އަށް إيمان ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުންގެ (ކިބައިން) ކަށަވަރުވެގެންވާ عهد ހިއްޕަވާފައިވެއެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައި ވާނަމައެވެ.
هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَٰتٍۭ بَيِّنَٰتٍۢ لِّيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌۭ رَّحِيمٌۭ
އެކަލާނގެއީ، ބަޔާންވެގެންވާ آية ތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَٰتَلَ ۚ أُو۟لَٰٓئِكَ أَعْظَمُ دَرَجَةًۭ مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَٰتَلُوا۟ ۚ وَكُلًّۭا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ
އަދި اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އުޑުތަކާއި، ބިމުގެ މިލްކުވެރިކަންވަނީ اللَّه އަށެވެ. (مكة) فتح ވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެތެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެގޮތުން އެއުރެން (އެބަހީ: مكة فتح ކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާ މާތްކަންބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ، اللَّه وعد ކުރައްވާފައިވެއެވެ. އަދި اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌۭ كَرِيمٌۭ
ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނިދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، އެމީހަކަށްޓަކައި (އެކަމުގެ) ދަރުމަ، އެކަލާނގެ ގިނަގުނަކުރައްވާނެތެވެ. އަދި އެމީހަކަށް ދީލަތިވެގެންވާ ދަރުމަހުށްޓެވެ.
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގާ ހުންނާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) މިއަދު ތިޔަބައިމީހުންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. (އެއީ) އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ.
يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًۭا فَضُرِبَ بَيْنَهُم بِسُورٍۢ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ
(އެއީ) منافق ފިރިހެނުންނާއި، منافق އަންހެނުން، إيمان ވި މީހުންނަށް ބުނާދުވަހެވެ. ތިޔަބައިމީހުންގެ ނޫރުން ތިމަންމެން އަލިކަމެއް ލިބިގަތުމަށްޓަކައި ތިޔަބައިމީހުން ތިމަންމެންނަށް انتظار ކުރާށެވެ! އަންގަވާނެތެވެ. ތިޔަބައިމީހުންގެ ފަހަތަށް ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! ފަހެ، ތިޔަބައިމީހުން (އެހެން) ނޫރަކަށް އެދޭށެވެ! ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ رحمة އެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ عذاب އެވެ.
يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ
އެެއުރެން (އެބަހީ: منافق ން) އަނެއްބައި މީހުންނަށް ގޮވައި އުޅޭނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަމުހެއްޔެވެ؟ އެއުރެން (އެބަހީ: مؤمن ން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ފިތުނަވެރިކޮށް، ހަލާކުކުޅައީމުއެވެ. އަދި (مؤمن ންނަށް ދެރަލިބުމަށް) ތިޔަބައިމީހުން انتظار ކުޅައީމުއެވެ. އަދި ތިޔަބައިމީހުން شك ކުޅައީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ.
فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌۭ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ
ފަހެ، މިއަދު ތިޔަބައިމީހުންގެ ކިބަޔަކުން އަދި كافر ވިމީހުންގެ ކިބަޔަކުންވެސް فدية އެއް އަތުނުލައްވާހުށްޓެވެ. ތިޔަބައިމީހުން ތިބެނިވިތަނަކީ ނަރަކަޔެވެ. ތިޔަބައިމީހުންގެ އެހީތެރި ފަރާތަކީވެސް އެއީއެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
۞ أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌۭ مِّنْهُمْ فَٰسِقُونَ
اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ.
ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَعْقِلُونَ
ބިންގަނޑު މަރުވެ އޮތުމަށްފަހު، ހަމަކަށަވަރުން، اللَّه އެ ބިންގަނޑު ދިރުއްވާކަން ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި آية ތައް ބަޔާންކޮށްދެއްވީމެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًۭا يُضَٰعَفُ لَهُمْ وَلَهُمْ أَجْرٌۭ كَرِيمٌۭ
ހަމަކަށަވަރުން، صدقات ކުރާ ފިރިހެނުންނާއި، صدقات ކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން اللَّه އަށްޓަކައި ދަރަނި ދިން (އެބަހީ: اللَّه އަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ!) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުށްޓެވެ.
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ
اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވިމީހުން (ދަންނާށެވެ!) އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި صدّيق ންނާއި، شهيد ންނެވެ. އެއުރެންގެ ދަރުމައާއި، އެއުރެންގެ ނޫރު، އެއުރެންނަށް ހުށްޓެވެ. އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ.
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌۭ وَلَهْوٌۭ وَزِينَةٌۭ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌۭ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّۭا ثُمَّ يَكُونُ حُطَٰمًۭا ۖ وَفِى ٱلْءَاخِرَةِ عَذَابٌۭ شَدِيدٌۭ وَمَغْفِرَةٌۭ مِّنَ ٱللَّهِ وَرِضْوَٰنٌۭ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ
ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرة ގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّه ގެ حضرة ން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.
Page 1 of 2 (29 ayahs)