Loading...
Language: Dhivehi
ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތްކިޔަވައިފި މީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ދިހަ ފަހަރު ޞަލަވާތްލައްވައެވެ." [1] އަދިވެސް ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޤަބުރުފުޅަކީ (ކުޅިވަރުކުޅެ، މަޖާކޮށް ހަދާ) ޢީދެއްކަމުގައި ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އޭރުން ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ފޯރާނެއެވެ." [2] އަދިވެސް ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނުގެ ވާހަކަދެކެވި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއީ ބަޚީލެކެވެ." [3] އަދިވެސް ޙަދީޘްކުރެއްވިއެވެ: "މާތް ﷲ އަށް ބިމުގައި ސައިރަކުރައްވާ (ހިންގަވާ) މަލާއިކަތުންވެއެވެ. އެމަލާއިކަތުންގެ މަސައްކަތަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ކުރާ ސަލާމް ތިމަންކަލޭގެފާނަށް ފޯރުކޮށްދިނުމެވެ." [4] އަދިވެސް ޙަދީޘްކުރެއްވިއެވެ: "މީހަކު ތިމަންކަލޭގެފާނަށް ސަލާމް ގޮވައިފިނަމަ، މާތް ﷲ ތިމަންކަލޭގެފާނުގެ ފުރާނަފުޅު އަނބުރާ ދެއްވައެވެ. އެއީ އެމީހެއްގެ ސަލާމަށް ޖަވާބު ދެއްވުމަށްޓަކައެވެ." [5]
Reference: [1] މުސްލިމް: 384 [2] ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 2042 [3] ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 3546 [4] ޞަޙީޙް (އަލްބާނީ). ނަސާއީ: 1282 [5] ޙަސަން (އަލްބާނީ). އަބޫ ދާވޫދު: 2041